ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރަން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އެޗްޑީސީ) އާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމައިފިއެވެ.

Advertisement
Advertise with us

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޯގަސްޓް 19، 2025 ގައެވެ.

މިހާތަނަށް 50 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ބާކީ 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެގޮތުން، ބައެއް ރަށްތަކަށް އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތުކުރަން ޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މީހުންނަށް ބާރުއެޅުން ކަމަށް އެ ކުންފުނިން ބުނެއެވެ.