އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވައި، އެފަދަ އަނިޔާތަކުން ރައްކާތެރިކަން ހޯދައިދިނުމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Advertisement
Advertise with us

އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

މި އަހަރުގެ ޝިޢާރު ކަމުގައިވާ، ”ޔުނައިޓް ޓު އެންޑް ވައިލެންސް އެގެއިންސްޓް ވިމެން އެންޑް ގާރލްސް: އެންޝުއަރ ޖަސްޓިސް، ޕްރޮޓެކްޓް ސަރވައިވަރސް އެންޑް އިމްޕިޔުނިޓީ“ (އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން އެންމެން އެކީގައި: އިންސާފު ކަށަވަރުކޮށް، އަނިޔާ ލިބޭ މީހުން ހިމާޔަތްކޮށް، ކުށްވެރިންނަށް ހައްޤު އަދަބު ދިނުން) ގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ގާނޫނާއި، ޖިންސީގޯނާ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން، ގާނޫނުލްޢުޤޫބާތުގެ ދަށުން މިކަންކަން ކަށަވަރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމުގައެވެ.

އަދި މި ގާނޫނީ ރައްކާތެރިކަމަކީ، ހަގީގީ މާނައިގައި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ލިބޭ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހަރުދަނާ އުސޫލުތައް އެކުލަވާލުމާއި، ހިޔާވަހިކަމެއް ނެތި އެއްވެސް އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ނުބެހެއްޓުމަށްޓަކައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހއްސަ ރައްކާތެރި ހިޔާތައް ބިނާކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އަނިޔާ ލިބޭ ފަރާތްތަކަށް އިޙްތިރާމާއި ޢަދުލުވެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅޭކަން ކަށަވަރުކުރުމަށްޓަކައި، މިދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނާއި، ތަހުގީގީ އިދާރާތަކާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ގާބިލުކަން އިތުރުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިފަދައިން، އަނިޔާ ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ، އަނިޔާ ލިބުމުގެ ކުރިން ރައްކާތެރިވުން ކަމަށްވާއިރު، އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރާ ގޯނާއާއި ފުރައްސާރައިން އަންހެނުން ރައްކާތެރިކުރުމަށްޓަކައި، އިގްތިސާދީގޮތުންނާއި، އިޖުތިމާއީ ގޮތުން، އަދި މުއައްސަސާތަކުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައި އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު އިސްކަމެއްދެއްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމަ މިއާއެކު، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން ސަރުކާރުން މިކަންކަމަށް ހާއްސަ އިސްކަމެއް ދީގެން، ސިޔާސަތުތައް އެކަށައަޅައި، ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވަނީ، ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ނައްތާލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.