ދ.ރިނބުދޫގައި އިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ހުޅުއްވައިދެއްވައިފިއެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރިނބުދޫއަކީ ރަށުވަންތަކަމުގެ، ރީތި އިޙްސާސާއި، ސާފުތާހިރުކަމާ، ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ.
އަދި އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށާ، ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްވެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެގޮތުގައި ރަށުގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮންމެ އިންސާނަކީވެސް ވިސްނުމުގެ ތަފާތުތަކެއް ހުރި މީހެއްކަން ގަބޫލު ކުރަންޖެހޭނެ ކަމަށާ ހިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކައިގެ ސަބަބުން، ދިމާވާ ހިތްހަމަ ނުޖެހުންވެސް އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ހުންނަ ނުތަނަވަސްކަންވެސް ފިލައި، އެކުވެރިކަމާ، ޢާއިލީގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ އިޖުތިމާސި ކަންކަމަށް އިސްނަގައިގެން މަސައްކަތް ކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ، މުޅިދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވުމަށްޓަކައި ކެރިވަޑައިގެން ސާބިތުކަމާއެކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އެބައޮތްކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގަކަށް އުނިކަން ނާންނާނެ ފަދައިން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ހާމަވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައާއެކު ރޭގެ ރަސްމިއްޔާތުގައި، މި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ބިޔަބޮޑެތި މަޝްރޫއުތައް ކުރިޔަށްގެންގޮސްގެން ނޫނީ، އަޅުގަނޑުމެން މިތިބި ހަރުފަތުން އެހެން ހަރުފަތަކަށް ވާސިލު ނުވެވޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ މިއޮތީ މުޅިދުނިޔެއަށް ހުޅުވައިލެވިފައި ކަމަށާއި، ރަސްމާލެއަށް ގެންނަވާ ތަރައްގީ އަކީ މިރާއްޖޭގެ ރައްޔިތުންގެ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށްވާތީ، އެމަޝްރޫޢަށް ތާއީދުކުރަނީ، ދިވެހި ރައްޔިތުންނަށް އޭގެ މަންފާ އާއި ލާބަ ލިބިގެންދާނެތީ ކަމުގައިވެސް، އެމަނިކުފާނު ވިދާޅުވިއެވެ.
މިސަރުކާރުން ރިނބުދޫގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކައުންސިލުގެ އާ އިމާރާތް ކުރިޔަށްދާކަމަށާއި، ސިސްހީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތްވެސް އެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ
ރޭގެ ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުންވަނީ ނައިބު ރައީސްއަށް ހަނދާނީ ފިލާއެއް އަރުވާފައެވެ. ބަނދަރުހިޔާ ހުޅުވުމަށްފަހު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، އެ ޢިމާރާތް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ރިނބުދޫގެ ޒުވާނުންގެ ދަޢުވަތަކަށް ރިނބުދޫގެ ދެ ޓީމެއް ކުޅުނު ފުޓްސަލް މެޗުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.





