ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށް، އެލާޓް ނެރެފައިވާ ސަރަހައްދު ފުޅާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 06:00 ގައި އުތުރުގެ ރަށްތަކަށް ނެރުނު ވައިޓް އެލާޓްގެ މުއްދަތު ހަމަވާން އޮތީ ހެނދުނު 11:00 އަށެވެ. ނަމަވެސް، މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ އިދާރާއިން މިހާރު ވަނީ ހެނދުނު 10:30 އިން ހަވީރު 16:00 އާ ހަމައަށް އެލާޓްގެ ވަގުތު އިތުރުކޮށް އެލާޓް ނެރެފައިވާ ސަރަހައްދު އދ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް އިތުރުކޮށްފައެވެ.
Advertisement
Advertise with us
މެޓުން ބުނީ އެލާޓް ނެރުނު ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.