މުއުމިނުންގެ މެދުގައި ފާޙިޝު ޢަމަލުތަކާއި ހުތުރު ފާފަތައް ފެތުރުމަކީ ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ޙައްޤުވާ އަދި ނުރައްކާތެރި ބަލިމަޑުކަން ޢާންމުވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ ”ފާހިޝް އަމަލުތަކާ ދުރުހެލިވާށެވެ!“
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި ފާހިޝް ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑެތި ފާފަތަކަކީ ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމެވެ.
މިގޮތުން، މިއަދުގެ ދުނިޔޭގައި ފެތުރެމުންދާ އެޗްއައިވީ އާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެންނަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ވެސް ފަސޭހައިން ފެތުރޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
އަދި މިފަދަ ނުރައްކާތެރި ވަބާތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެން ނޫންނަމަ، ގިނަ ބަޔަކު ފާފަވެރިވުމުގެ އިތުރުން، ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ، މުޅި ރާއްޖެ ސިއްހީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ހުތުބާގައި ދެއްވިއެވެ.





