މިއަދުގެ ޑިޖިޓަލް ދުނިޔޭގައި ރޭގަނޑުގެ އަނދިރިކަމާއެކު ދިރިއުޅުމުގެ ހަލަބޮލިކަން ނިމުމަކަށް އައުމުގެ ބަދަލުގައި، ގިނަ ބައެއްގެ ދުވަސް ފެށެނީ ދަންވަރުގެ ވަގުތުގައެވެ.

Advertisement
Advertise with us

ސޯޝަލް މީޑިއާގެ ވީޑިއޯތައް ބެލުމުގައާއި، ގޭމް ކުޅުމުގައި، ނުވަތަ ރޭގަނޑު ދަންވަންދެން ކޮފީ މޭޒުތަކުގައި ވަގުތު ހޭދަކުރުމަކީ މިއަދު އާދައިގެ ކަމަކަށް ވެއްޖެއެވެ. ނަމަވެސް، ބައިނަލްއަގްވާމީ ސިއްހީ ދިރާސާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ރޭގަނޑުގެ ނިދި ގުރުބާންކޮށް ލަހުން ނިދުމަކީ އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން މަޑުމަޑުން ފުނޑުފުނޑުކޮށްލާ ނުރައްކާތެރި އާދައެކެވެ.

ހަންގަނޑަށް އަންނަ ބަދަލުތައް 

  • ކޮލެޖެން މަދުވުން: ރޭގަނޑު ގަދައަށް ނިދާފައި އޮންނަ ވަގުތު ހަށިގަނޑުން އުފައްދާ ’ގްރޯތު ހޯމޯން‘ ގެ ސަބަބުން ހަންގަނޑު ވާންކޮށް ބަހައްޓައިދޭ ކޮލެޖެން އުފެދެއެވެ. ނުނިދާނަމަ ކޮލެޖެން އުފެދުން މަދުވެ، މޫނުގައި އަވަހަށް ރޫޖެހި ހަންގަނޑު އެލެން ފަށައެވެ. 

  • ސްޓްރެސް ހޯމޯން އިތުރުވުން: ނިދި މަދުވުމުން ހަށިގަނޑުގައި ކޯޓިސޯލް އިތުރުވެއެވެ. މި ހޯމޯންގެ ސަބަބުން ހަންގަނޑުގައި ހުންނަ ކޮލެޖެންތައް ހަލާކުވެ، ހަންގަނޑުގެ ތާޒާކަން ގެއްލެއެވެ.

  • ހަންގަނޑު ހިކުމާއި ލޯކައިރި ކަޅުވުން: ނިދި މަދުވުމުން ހަންގަނޑުގެ ތެތްކަން ހިފަހައްޓައިދޭ ބާރު ދަށްވެ، ހަންގަނޑު ހިކި، ލޯކައިރި ދުޅަވެ ކަޅުވާން މެދުވެރިވެއެވެ.

  • ސެލްތައް މަރާމާތުވުން ހުއްޓުން: ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް، ޑީ.އެން.އޭ  ރަނގަޅުކުރަނީ ރޭގަނޑު ނިދާފައި އޮންނަ ވަގުތުއެވެ. ނުނިދާނަމަ މި މަސައްކަތް ނުކުރެވި، ސެލްތައް އަވަހަށް ބަލިކަށިވެއެވެ. 

  • ސިކުނޑި އަވަހަށް މުސްކުޅިވުން: ނިދާފައި އޮންނަ ވަގުތު ސިކުނޑީގައި ޖަމާވާ ބޭކާރު މާއްދާތައް ސާފުކޮށްދެއެވެ. ނިދި މަދުވުމުން ސިކުނޑީގައި އިންފްލެމޭޝަން (ދުޅަވުން) އުފެދި، ހަނދާން ބަލިވުމާއި ސިކުނޑި އަވަހަށް މުސްކުޅިވުމަށް މަގުފަހިވެއެވެ.

ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑިއާ ދެކޮޅަށް މަސައްކަތްކުރުން

 

އިންސާނާގެ ހަށިގަނޑު ފަރުމާކުރެވިފައިވަނީ ދުވާލުގެ އަލީގައި ހަރަކާތްތެރިވެ، ރޭގަނޑުގެ އަނދިރީގައި އަރާމުކުރާ ގޮތަށެވެ. ސިކުނޑީގައިވާ ޚާއްޞަ ނިޒާމެއް ކަމަށްވާ ”ސާކޭޑިއަން ރިދަމް“ އިން ހަށިގަނޑުގެ ހޯމޯންތަކާއި، ހަށިގަނޑުގެ ފިނިހޫނުމިނާއި، ހަޖަމުކުރުމުގެ ނިޒާމު ކޮންޓްރޯލް ކުރެއެވެ.
  • ރޭގަނޑު އަނދިރިވުމުން ސިކުނޑިން ”މެލަޓޯނިން“ ކިޔާ ހޯމޯނެއް ދޫކުރަން ފަށައެވެ. މިއީ ހަށިގަނޑަށް ނިދި ގެނުވައިދީ، ސެލްތައް މަރާމާތުކުރުމަށް ސިގްނަލް ދޭ ހޯމޯނެވެ.
  • ދަންވަރު 12:00 އާއި 1:00 ގެ ފަހުން ހޭލާ ހުރެ، ފޯނާއި ޓީވީގެ އަލީގައި އުޅުމުން މި ހޯމޯން އުފެއްދުން ހުއްޓި، ހަށިގަނޑުގެ އެތެރޭގެ ހުރިހާ ގުނަވަނެއްގެ މަސައްކަތް އޮޅުންބޮޅުންވެއެވެ.

ހިތާއި ލޭނާރުތަކަށް ކުރިމަތިވާ ނުރައްކާ

 

ނިދާ ވަގުތަކީ ހިތުގެ ވިންދު މަޑުޖެހި، ލޭގެ ޕްރެޝަރު ދަށްވެ، ހިތަށް އަރާމު ލިބޭ ވަގުތެވެ. ލަހުން ނިދާ މީހުންނަށް މި ފުރުޞަތު ގެއްލެއެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަނުން 2026 ވަނަ އަހަރު އާންމުކުރި ދިރާސާއަކުން ހާމަވި ގޮތުގައި، ރޭގަނޑު ލަހުން ނިދާ މީހުންގެ ހިތުގެ ޞިއްޙަތު ދަށްވުމުގެ ފުރުޞަތު 79% އިތުރުވެ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ 16% މައްޗަށް ދެއެވެ.
މީގެ އިތުރުން، ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމާއި، ލޭމައްޗަށްދިއުމުގެ ބަލި ޖެހުމަށް ލަހުން ނިދުން ސީދާ މަގުފަހިކުރުވައެވެ.

ސިކުނޑީގެ ޤާބިލުކަމާއި ނަފްސާނީ ދުޅަހެޔޮކަން ގެއްލުން

 

ސިކުނޑިއަކީ ދުވާލުގެ ވަގުތުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ގުނަވަނެވެ. ސިކުނޑީގައި އުފެދޭ ވިހަ މާއްދާތައް ސާފުވަނީ ހަމައެކަނި ރޭގަނޑުގެ ފުން ނިދީގައެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި، ދަންވަރު 1:00 ގެ ފަހުން ނިދާ މީހުންގެ މެދުގައި ޑިޕްރެޝަން (މާޔޫސްވުން) އަދި އެންޒައިޓީ (ހާސްވުން) ފަދަ ނަފްސާނީ ބަލިތައް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރެވެ.
އުމުރުން ދުވަސްވާއިރު ޖެހޭ ހަނދާން ނެތޭ ބަލި ޖެހުމަށް މަގުފަހިކުރާ ޕްރޮޓީންތައް ސިކުނޑީގައި ޖަމާވަނީ ރޭގަނޑުގެ ނިދި މަދުވުމުގެ ސަބަބުންނެވެ.

ހަކުރުބައްޔާއި ފަލަވުމުގެ ބަލިމަޑުކަން

 

ދަންވަރު ހޭލާ ހުންނަ މީހުންނަށް ދަންވަރު ގަޑީގައި ބަނޑުހައިވުމަކީ އާންމު ކަމެކެވެ. މިއީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން ވާ ކަމެކެވެ.

ލަހުން ނިދާ މީހުންގެ ހަށިގަނޑުގައި ކާހިތްކުރުވާ ހޯމޯން އިތުރުވެ، ބަނޑުފުރިއްޖެކަން ސިކުނޑިއަށް އަންގައިދޭ ހޯމޯން މަދުވެއެވެ. ނަތީޖާއަކީ ދަންވަރު ގަޑީގައި ތެޔޮ އެއްޗެއްސާއި ފޮނި އެއްޗެހި ކެވި، ހަށިގަނޑު ފަލަވުމެވެ.ޔޫރަޕިއަން ސޮސައިޓީ ފޯ އެންޑޮކްރިނޮލޮޖީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ލަހުން ނިދާ މީހުންގެ ހަށިގަނޑުން އިންސިއުލިން ބޭނުންކުރާ ގޮތަށް ބަދަލު އައިސް، ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުޞަތު އަވަހަށް ނިދާ މީހުންނާ އަޅާބަލާއިރު ދެގުނަ އިތުރެވެ.

ދިފާޢީ ނިޒާމު ބަލިކަށިވެ ބަލިތަކަށް ހުށަހެޅުން

 

ހަށިގަނޑުގެ ދިފާޢީ ނިޒާމުން އުފައްދާ ޚާއްޞަ ޕްރޮޓީންތައް އުފައްދަނީ ނިދާފައި އޮންނަ ވަގުތުގައެވެ. މިއީ ހަށިގަނޑަށް ވަންނަ ޖަރާސީމުތަކާއި ވައިރަސްތަކާ ހަނގުރާމަކުރާ މާއްދާތަކެވެ. ލަހުން ނިދާ މީހުންގެ ހަށިގަނޑުގައި މި މާއްދާތައް މަދުވުމުގެ ސަބަބުން، ކުދިކުދި ރޯގާތަކުން ފެށިގެން ބޮޑެތި އިންފެކްޝަންތައް ޖެހުމަށް ހަށިގަނޑު ހުށަހެޅެއެވެ.

މި ނުރައްކަލުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް

 

ރޭގަނޑު ލަހުން ނިދުމުގެ އާދަ ބަދަލުކުރުމަކީ އެއްރެއަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތިރީގައިވާ ކަންކަމަށް ޢަމަލުކުރުމުން ހަށިގަނޑުގެ ޤުދުރަތީ ގަޑި އަލުން ހަމައަކަށް އެޅުވިދާނެއެވެ.

މަޑުމަޑުން ގަޑި ބަދަލުކުރުން:

އެއްފަހަރާ މާ އަވަހަށް ނިދަން އުޅުމުގެ ބަދަލުގައި، ކޮންމެ ދެ ދުވަހަކުން ނިދާ ގަޑި 15 ނުވަތަ 20 މިނެޓު އަވަސްކުރަމުން ގެންދިއުން.

”ޑިޖިޓަލް ކާފިއު“ އެއް ކަނޑައެޅުން: ނިދުމުގެ 1 ގަޑިއިރު ކުރިން މޮބައިލް ފޯނާއި، ލެޕްޓޮޕް އަދި ޓީވީ ނިއްވާލައި، އެ ތަކެތި އެނދާ ދުރުގައި ބެހެއްޓުން.

ހެނދުނުގެ އިރުގެ އަލި ހޯދުން: ހެނދުނު ހޭލުމަށްފަހު 15 މިނެޓު ވަންދެން ބޭރަށް ނުކުމެ އިރުގެ އަލި ލިބޭ ތަނެއްގައި ހުރުމަކީ، ރޭގަނޑު އަވަހަށް ނިދި އައުމަށް ސިކުނޑިއަށް އެހީވެދޭ ކަމެކެވެ.

ކެފެއިންއާއި ހަކުރު ކޮންޓްރޯލް ކުރުން: މެންދުރުފަހު 2:00 ގެ ފަހުން ކޮފީއާއި ކަޅުސައި އަދި އެނާޖީ ޑްރިންކްސް ބުއިން ހުއްޓާލުން.

ވަގުތީ ހިތްހަމަޖެހުމަކަށް ނުވަތަ މަޖަލަކަށް ރޭގަނޑުގެ ނިދި ނަގާލުމަކީ، ނުރައްކާތެރި ބަލިތަކަށް ދެވޭ ދައުވަތެކެވެ. އެހެންވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް، ރޭގަނޑު އަވަހަށް ނިދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.