ރިޔާސީ އިންތިޚާބު އޮންނަ އަހަރާ ދިމާކޮށް، ރައްޔިތުންގެ ފައިސާ ބަހައި ހުސްކުރަން އުޅޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދީ، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ އުސޫލެއް އެކުލަވައިލުމާ ގުޅިގެންނެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަދަލު ނަގައިދިނުމުގެ އުސޫލެއް މި ހެދީ، އެފަދަ އުސޫލެއް އުފަން ނުކޮށް، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ބެހުމަށް ފަހުގައި ކަމަށެވެ.
” އިންތިޚާބު އަހަރާ ދިމާކޮށް އަނެއްކާވެސް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަންއުޅޭ ކަހަލަ.“ އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން، ބަދަލުގެ ގޮތުގައި ބަހާފައިވާ ފައިސާގެ ޔައުމިއްޔާތައް ހޯދައި، އެ މައްސަލަތައްވެސް ބަލާނެ ކަމަށެވެ.
އެ އުސޫލުގައި ވާގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އޮގަސްޓު 7، 2008 އިން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚާ ދެމެދު، އުފެދިފައިވާ މައްސަލަތަކަށް ބަދަލު ނަގައި ދޭނެ ކަމަށެވެ.
