މައި ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ގުޅީފަޅުން ބިން ހިއްކަން ނެދަލޭންޑްސްގެ ބޮސްކާލިސް އަށް 2 ބިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ.

ބޮސްކާލިސްއާ ހަވާލާދީ, ވިޔަފާރި ހަބަރުތައް ގެނެސްދޭ މާކެޓްވޮޗް ވެބްސައިޓުގައި ބުނެފައިވަނީ ގުޅިފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 130.4 މިލިއަން އެމެރިކާ ޑޮލަރު (1.99 ބިލިއަން ރުފިޔާ) އަށް ކަމަށެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބޮސްކާލިސް އާ ހަވާލުކޮށްގެން 192 ހެކްޓަރުގެ ބިން ވަނީ މީގެ ކުރިން ހިއްކައިފަ އެވެ. އެ މަސައްކަތް ބިޑަކާ ނުލާ އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އަށެވެ.

މީގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ވެސް ގުޅިފަޅުން ބިން ހިއްކާފައިވެއެވެ. އެގޮތުން 80،000 ކިއުބިކް މީޓަރުގެ ބިން ހިއްކާފައިވަނީ 8.9 މިލިއަން ރުފިޔާ އަށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރި އިރު, އެ މަސައްކަތަށް ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއްވެސް ނަގައިފައެވެ.

އޭބީއެން އަމްރޯ ބޭންކް, އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކާއެކު އެ ލޯން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.