ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަ ރިޕޯޓުކުރި މިންވަރު އިތުރުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ޖަނަވަރީ 2023 ގައި އެ މިނިސްޓްރީއަށް 300 މައްސަލަ ރިޕޯޓުކުރި ކަމަށެވެ.

އޭގެތެރެއިން 120 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަ ކަމަށް ޖެންޑަރއިން ބުންޏެވެ.

މިއީ މިދިޔަ ޑިސެމްބަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ޑިސެމްބަރުގައި ހުށަހެޅުނީ އެ ބާވަތުގެ 109 މައްސަލައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 120 މައްސަލަ ޖަނަވަރީގައި ހުށަހެޅިއިރު, އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ.

އެ ގޮތުން މި ބާވަތުގެ 27 މައްސަލައެއް ޖަނަވަރީގައި ހުށަހެޅިއެވެ.

މީގެ އިތުރުން ހިމެނެނީ އިހުމާލުވުމުގެ 23 މައްސަލައާއި, ނަފްސާނީ ހާނިއްކައިގެ 19 މައްސަލައާއި, ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި, އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައާއި, ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް ކުރުން) 2 މައްސަލައާއި, އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ 2 މައްސަލައާއި, ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލައާއި, އެހެނިހެން މައްސަލައިގެ ގޮތުގައި 1 މައްސަލައެވެ.