ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސް ސޯލިހްގެ ދަތުރުފުޅުގައި ފުރަތަމަ ޤަތަރަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މިއަދު ޤަތަރުގެ ދޯހާއަށް ވަޑައިގަންނަވާއިރު، ޤަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައިސް އޮފީހުން މައުލޫމާތުދެއެވެ.

ޤަތަރަށްފަހު ރައީސް ސޯލިހް ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ޖަރުމަނުވިލާތަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ބުނެފައިވަނީ މި ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.