އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ތައާރަފުކުރި ”ޒަކާތު ނަފާ“ ޕްރޮގްރާމްގެ ތެރެއިން ފެހުމުގެ މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކޮށް ދޭނެ ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާންކޮށްފިއެެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ ފެޝަން ޑިޒައިނަރަކު ބޭނުން ވަނީ އެ އަހަރުގެ މުއްދަތަށް ކަމަށެވެ.
އެހެންވެ އެކަމަށް ޝައުގުވެރިވާ ފެޝަން ޑިޒައިނަރުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 22 ގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެޕްލައި ކުރާނީ މި ލިންކް މެދުވެރިކޮށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3330587 ނަމްބަރުން ހޯދޭނެއެވެ.
”ޒަކާތު ނަފާ“ ޕްރާގްރާމަކީ ނިކަމެތި އާއިލާތަކަށް އެހީތެރިވެ، އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތްތައް ހޯދައި ދިނުމަށް ފެށި ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލަން މަސައްކަތްކުރުމެވެ.
”ޒަކާތު ނަފާ“ ޕްރޮގްރާމް ކުރިއަށް ގެންދަނީ 2021 ވަނަ އަހަރުގެ ފަގީރުގެ ދަފުރަތުގައި ތިބި މީހުންގެ މެދުގައެވެ.
އެގޮތުން މީގެ ތެރެއިން ފުރަތަމަ އެހީ ދީފައި ވަނީ ހދ. ނޮޅިވަރަމްގެ ދަނޑުވެރި އާއިލާއަކަށެވެ.
”ޒަކާތު ނަފާ“ ޕްރޮގްރާމްގައި އެހީދޭ ކޮންމެ ގޭބިސީއަކަށް 150،000ރ. އާ ހަމައަށް މާލީ އެހީ ދެވޭނެ އެވެ. އަދި އެހީ ދޫކުރާނީ މުޅިން ހިލޭ އެހީގެ ގޮތުގައެެވެ.
މި ޕްރޮގްރާމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
