ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އައި ސ.މަރަދޫފޭދޫ/ރަށްދެބައިގޭ އިބްރާހީމް ފައިޙް ނިޡާމް (25އ) އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

ފައިޙްގެ ފޮޓޯ އާންމުކޮށް އޭނާ ހޯދަން ފުލުހުން ދެ ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. ފުރަތަމަ އިއުލާނުކުރީ ފެބްރުއަރީ 15 ގައެވެ.

ފައިޙް ހޯދަން މީގެ އެއްރޭ ކުރިން ވެސް އަދި މިއަދު ވެސް ފުލުހުން މާލޭގައި އޮޮޕަރޭޝަން ހިންގިއެވެ. ނަމަވެސް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވެއެވެ.

ފުލުހުން ރޭ ބުނީ ފައިޙް މިރޭ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފައިޙް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނާ ފޮރުވައިގެން ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މި މަހުގެ 19 ވަނަ ދުވަހުގެރޭ މާލެ ސަރަހައްދުން ދިވެހި ފަސް ފިރިހެނަކު ވެސް ހައްޔަރު ކުރިއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. ދެން ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.