ހިލަވެލި ބަރުކޮށްގެން، ދެ މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ގެއްލިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށް ފަހު މިއަދު ހެނދުނު 10:40 ހާއިރު ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި ”ޖަންބޯ“ ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ.

އެ ދޯނީގެ ހަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުއެވެ. ގެއްލުނު ”ޖަންބޯ“ ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިއަދު މެންދުރުފަހު 1 އާއި 1:30 އާ ދެމެދުގެ ވަގުތެއްގައި އެ ދޯންޏާ ވަައްތަރު ދޯންޏެއް ކަމަށް ލަފާ ކުރެވޭ ދޯންޏެއް ކާށިދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަ މޭލުބޭރުން ފެނުނު ކަމަށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން މިރޭގެ ވަގުތެއްގައި ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނި ފުރިފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:03 ހާއިރު ކަމަށެވެ. އަދި އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ، ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.