އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ދީފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއެކު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެ މައްސަލައަށް ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެ މައްސަލަ އެޖެންޑާ ކުރައްވާނެ ތާރީހެއް ފަހުން އަންގަވާނެކަމަށް ވިދާޅުވެފައެވެ.

ޗާގޯސް މައްސަލައިގައި ގާނޫނާ ހިލާފަށް ކަންތައްތައް ކުރައްވާފައިވާކަމަށް ބުނެ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިވަޑައިގެން އެކުލަވާލައްވާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުންނެވެ.

އެ ގުރޫޕަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގުރޫޕެކެވެ.

އެ ގްރޫޕުގައި ހިމެނޭ ޕާޓީތަކަކީ ޕީޕީއެމް/ޕީއެންސީ، ޖޭޕީ, އެމްއެންޕީ އަދި ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން”އެވެ.