ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މަކަރުވެރި، އަދި ގައުމު ހިންގުމުގެ ގާބިލުކަން ނެތް ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އެމްޑީޕީން ވަކި ކޮށްފައިވާ އާޒިމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފެނަކައިން ކުދި ވިޔަފާރިތަކަށާއި، ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި، އެ ކުންފުނީގެ މާލީ އޮޑިޓެއް ހޯދުމަށް ގޮވާލައްވައި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން އަމަލު ކުރާ ގޮތުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލބެމް ޖެހޭ އެތައް ފައިސާއެއް ނުލިބިވާ ކަމަށެވެ.

”ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކެއް ކަހަލަ ގޮތަކަށް މިވަނީ ބަނގުރޫޓުވެ ނިމިފަ.“

އާޒިމްގެ ވާހަކައިގައި، ސިޔާސީ މަންފާ ހާސިލު ކުރަން ކުންފުނިތައް ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އިންތިހާބުތަކާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުން އެތައް ވަޒީފާއެއް ދެމުން އަންނަ ކަމަށެވެ.