ނ. މަނަދޫ އުމުރުން 62 އަހަރުގެ ނައީމާ މޫސާ މަރާލަން ބޭނުންކުރި ދެ ވަޅި ފުލުހުން ހޯދައިފިއެވެ.
މިކަން ހާމަ ކުރައްވާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އަޅައި އަންދާލުމަށްފަހު ފަސްއަޅައި ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށެވެ.
ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކޮށްފައިވާކަން ވެސް ސީޕީ ހަމީދު މިއަދު ހާމަކުރެއްވިއެވެ.
ނައީމާ މަރާލި މީހަކު ހޯދުމަށް ފުލުހުން ހިންގި ތަހުގީގުގައި، މަނަދޫގެ ބައެއް މީހުންގެ ފިންގަރ ޕްރިންޓާއި، ޑީއެންއޭ ވެސް ނެގިއެވެ.
އެކަނި ދިރިއުޅެމުން ދިޔަ ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
