އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ އަތުން ލިޔުއްވާފައިވާ ސިޓީއެއްގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކުރައްވައި، ފޭސްބުކް އަދި ޓްވިޓަރގައެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ކަންކަން ހިނގަމުންދާގޮތުން އެމްޑީޕީގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
”ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށްބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަ ޕާޓީއިން ވަކިވި ވާހަކަ ދެންނެވީމެވެ.“ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ރައީސް ނަޝީދު ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވިއިރު، އެމަނިކުފާނު ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންފައެވެ.
ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އޮގަސްޓް 2014 ގައެވެ.
