ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝިދު ވިދާޅުވީ މިއަދުގެ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާ ކަމަށެވެ.
މަޖިލިސް ޗުއްޓީއަށްދިޔައިރު، ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ނުނިމިއެވެ.
އަދި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްވެސް އޮތީ ނުނިމިއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މުޙައްމަދު އަސްލަމް، މިއަދުގެ ޖަލްސާގައި ވަނީ، މަޖިލިސް ދިގު ދަންމައިލަން އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނެފައިވާގޮތުން މަޖިލީހުގެ ޖަލްސާތައް، އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
