މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ ހަ މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މާޗް 26، 2020 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހެކެވެ.
ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސް ދޯންޏަކުން 61.06 ކިލޯގެ ހެރޮއިން އަތުލައިގަތެވެ. މިއީ މ. ބޮއިލިން ފިޝް، އަހުމަދު ވިސާމު އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން ހިންގި ކަމެއް ކަމަށާއި މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ”އިރުއަލިމަސް“ ކިޔާ ދޯންޏެއްގައި ކަމަށް ޕްރޮސެކިއުޓަ ޖެރެނަލް (ޕީޖީ) އޮފީހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި 11 މީހަކު އަތުލައިގަތެވެ.
އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް މައްޗަށް ޓްރެފިކިންގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށާއި، 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި އެ ފައިސާ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ދެއްކުމަށް ވެސް އަމުރުކޮށްފައިވެއެވެ.
އުމުރަށް ޖަލަށްލި 6 މީހުންނަކީ, ހުސައިން ސުނާޒް، މ. މުލި/ސޯސަންވިލާ, އަހުމަދު ޝިފާޒް، ހުޅުމާލެ ފްލެޓް 06 ޖީ 04, ޝާމް، މއ. ބޯޅަކިންކިރިމާގެ, މުހައްމަދު މާއިދު، މ. ކޮޅުފުށި/އޯޝަން ވިއު, މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/މުޝްތަރީގެ އަދި ރަޝީދު، މ. ކެޕްރިކޯންއެވެ.
މި މައްސަލައިގައި އިސްކޮށް ހުރި ވިސާމް ބަންދުން ދޫކޮށްލުމަށް ޖެނުއަރީ 24، 2021 ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

އިސްކޮށްހުރިމީހާދޫކޮށްލުމުންނޫންތަދެންވެސްއަވަހަށްއެތިކޮޅެއްއެތެރެކުރެވޭނީ