ބޮޑު ޢީދަށް މާލެ ޒީނަތްތެރިކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ދަށުން، އެކިކުލަކުލައިން މާލޭގެ އެކި ސަރަހައްދުތައް ދިއްލާލައިފިއެވެ.

މި މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި މާލޭގެ އެކި މަގުތަކުގައި ބޮކި ފަތިތަކާ ގިިޑިގެތައް ވަނީ ދިއްލާލައިފައެވެ.

މިގޮތުން ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ ”އީދު މުބާރިކް“ ޖަހައި، އެކި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފައެވެ.

 

ބޮޑު އީދަށް މާލޭގެ މަގެއް ދިއްލާލާފައި

 

ގިޑިގެތަކާއި ބޮކިފަތިތައް ދިއްލާފައިވަނީ، ރޭ މަޣްރިބު ނަމާދަށް ފަހު ޖުމްހޫރީ މައިދާން ސަރަހައްދުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

ބޮޑު އީދަށް މާލޭގެ މަގެއް ދިއްލާލާފައި

 

މި ހާއްސަ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލުގެ ބައެއް މެމްބަރުން އަދި އާންމުންވެސް ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި މޭޔަރު މުޒިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، އީދު ފަދަ މުސްލުމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އީދާ ގުޅުވައި، މާލޭގެ މަގުތަކަށް ގެނައި ޗާލުކަމާ ގުޅިގެން، ގިނަ ބަޔަކު ދަނީ މާލެ ސިޓީ ކައުންސިލަށް ތައުރީފު ކުރަމުންނެވެ.