މާލޭ ރައްޔިތުންގެ ގޯތީގެ މަައްސަލައަށް އިންގިލާބީ ހައްލެއް ހޯދައި ދެއްވި ވެރިއަކީ ރައީސް ސޯލިހު ކަމަށް އެމަނިކުފާނާއެކު އިއްތިހާދުވެފައިވާ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ’ބިންވެރިޔާ ސްކީމް‘ އާއި ’ގެދޮރުވެރިޔާ ސްކީމް’ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ގައެވެ.

އިއްޔެ އާންމުކުރާ ލިސްޓުގައި 10،314 މީހުންގެ ނަން ހިމެނޭއިރު، އެ ލިސްޓުގައި ނުހިމެނޭ ނަމަވެސް ޝަރުތު ހަމަވާ 9،500 އަށް ވުރެ ގިނަ މީހުންނަށް ވެސް ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން ރައީސަށް މަރުހަބާއާއި ޝުކުރު އަދާ ކުރައްވާ ކުރެއްވި ޓުވީޓެއްގައި ސިޔާމް ވިދާޅުވީ، ގޯތީގެ މައްސަލައަކީ މާލޭ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި ގޯތި ދޫކުރުވެމުން މާލޭ ސަރަހައްދަށް ދިމާވެފައި އޮތް ގޯތީގެ މައްސަލައިގެ މުޅި ނިޒާމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ރައީސްއަށް ހާއްސަ ޝުކުރެއްވެސް އަދާކުރެއްވިއެވެ.