ބޮޑު އީދު ފާހަގަކުރަމުން އަންނައިރު، އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އަޅައިލުމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
އެންމެހާ އަހުންނާއި އުހްތުންނަށް އީދު ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި މޭޔަރު އެދިވަޑައިގަތީ މިއީ އެކުވެރި އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އަޅައިލާ ދުވަސްތަކަކަށް ހެދުމަށެވެ. އަދި އޯގާތެރި މުޖުތަމައުއަކަށް މި މުޖުތަމައު ހެދުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރެއްވިއެވެ.
“މި އީދުގައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ އެކުވެރި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމައުއަކަށް އަޅުގަނޑުމެންގެ މި މުޖުތަމައު ހެދުމަށް އަޒުމު ކަނޑައަޅަމާތޯ! ޢީދު މުބާރަކް.“
މޭޔަރުގެ އިރުޝާދުގެ މަތިން މާލެ ސިޓީ ކައުންސިލުން ވަނީ މި އީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
މޭޔަރު މިއަދު ވަނީ އީދު ދުވަހުގެ ހެނދުނު 8:45 ގައި މާލެ ސިޓީ ކައުންސިލުން އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ހަފުލާގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
