މާލޭގެ މަގުތައް މަރާމާތު ކުރުމުގައި މާލެސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުން އެންމެ އެދެވޭ ބަދަލެއް ނުފެންނަނީ ސަރުކާރުން މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަނބުރާ ގެންދިއުމުގެ ސަބަބުން ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވެފައި ވަނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ 14 މަގަކުން 174 ކާނުމަތި ބަދަލު ކުރެވުނު ޚަބަރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ދަނީ މަސައްކަތް ކުރި ނަމަވެސް އެންމެ އެދެވޭފަދަ ބަދަލެއް ނުފެންނަނީ މަގު ހެދުމުގެ މަޝްރޫޢު ސަރުކާރުން އަނބުރާ ގެންދިޔުމުން ކަމަށެވެ.
މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ނިމިދިޔަ ކައުންސިލާއި ސަރުކާރާއި ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މާލެ ސިޓީކައުންސިލްގެ އަތުން މަޝްރޫޢު ގެންދިއުމަށްފަހު އެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑިސީ) އާއިއެވެ.
