އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން  ކުރިއަށްގެން ދިޔަ ސިޔާސީ ހަރަކާތުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާސްކު އެޅުމުން އެކަން ސަރުކާރުން ކުށްވެރިކޮށްފިއެވެ.

Ads by Asuru

ދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ކެމްޕެއިންގެ ތެރެއިން އިއްޔެ މާލޭގައި ހަރަކާތް ކުރިއަށް ގެންދިޔައީ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮޓޯތައް ބޭނުންކޮށްގެން ހަދާފައިވާ މާސްކުތަކެއް އަޅައިގެންނެވެ.

އިދިކޮޅުން ހިންގި ހަރަކާތާއި ގުޅިގެން ސަރުކާރުން އިއްޔެ ބަޔާނެއް ނެރެ، އެކަން ކުށްވެރި ކުރިއެވެ. މިގޮތުން ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މޯދީގެ މާސްކު އަޅައިގެން ހިންގި ހަރަކާތާއި އަދި ”އިންޑިއާ އައުޓް“ ގެ ނަމުގައި ފަތުރަމުންދާ ދޮގު މައުލޫމާތުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އީދަކީ ސުލްހަ އާއި ހަމަޖެހުމާއެކު ފާހަގަކުރަންޖެހޭ މުނާސަބަކަށްވީއިރު، އިދިކޮޅުން ހިންގި ހަރަކާތުގައި ނަފްރަތު އުފެއްދުމުގެ އިތުރުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުންދާ ގައުމަކާ އެކީ އޮތް ގުޅުމަށް ބުރޫއަރާ ފަދަ ކަންތައްތަކެއް ވެސް ހިންގާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ފާއިތުވި ފަސް އަހަރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ދަތުރުކޮށްފައިވާއިރު މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ދުރުވެ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށް ސަރުކާރުން ވަނީ ގޮވާލައިފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި، އެކި ފަރާާތްތަކުން މީގެ ކުރިން ހިންގި ހަރަކާާތްތަކާ ދެކޮޅަށް ވެސް ސަރުކާރުން ބަސް  ބުނެފައިވެއެވެ.