މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ހުށަހެޅުނު ޝަކުވާތަކަށް ޖަވާބުދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގައި ޖުމްލަ 282،672 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރޭގައި 138،317 އަންހެނުންނާއި 144،355 ފިރިހެނުން ހިމެނެއެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 11 އިން 22 ވަނަ ދުވަހަށެވެ. އެ މުއްދަތުގައި 551 ޝަކުވާ ލިބުނު ކަމަށް އީސީ އިން ބުނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ލިބުނު ޝަކުވާތަކާ ގުޅިގެން ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފުތާ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށެވެ. އަދި ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް އާންމު ކުރާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަނި ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.