ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ހުއްޓައި، ނިޔާވި ދިވެހި ހައްޖާޖީ، މައްކާގައި ވަޅުލައިފިއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ހުއްޓައި ނިޔާވީ، މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން ،72 އެވެ.
އޭނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އަލީ ހަސަން ހައްޖަށް ދިޔައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އަލީގެ ކަށުނަމާދު އޮތީ އިއްޔެގެ އަސްރު ނަމާދަށް ފަހު މަސްޖިދުލްހަރާމްގައި ކަމަށެވެ. އަދި އަލީ ވަޅުލާފައިވަނީ މައްކާގެ މަގްބަރަތުއް ޝުހަދާއުލް ހަރަމްގައި ކަމަށެވެ.
އަލީ އަކީ ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާއެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޙައްޖުވެރިއެއް ކަމަށްވާ މުޙައްމަދު ނަސީމް އަލީއެވެ.
