ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ދެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލަން ފުވައްމުލަކުގައި ބޭއްވި ވޯކްޝޮޕް ތެރޭގައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ހެންވޭރުގެ ދާއިރާގެ މެމްބަރު ވިދާޅުވީ ދެން ޑިމޮކްރެޓްސް އާއި ބާއްވާ އެއްވުންތަކާއި އެ ނޫން ވެސް ސިޔާސީ ހަރަކާތްތަކުން ނަޝީދު ދެން ފެންނާނެ ކަމަށެވެ.
ޑިމޮރެކްޓްސް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ މަހުގެ 24 ގައެވެ. އެކަމަކު އީސީގެ މެމްބަރުންގެ މެދުގައި، ޕާޓީ އުފައްދަން ހުއްދަ ދިނުމާ މެދު ހިޔާލު ތަފާތުވުންތައް އުފެދި، ހުއްދަ ދިނުން ފަސްކުރި އެވެ. ނަމަވެސް ފަހުން އީސީން ނިންމާފައި އޮތީ މިއަދު އެ ހުއްދަ ދޭ ގޮތަށެވެ.