އެމްޑީޕީން ވަކިވި މެމްބަރުން އިސްވެ އުފައްދާ އާ ސިޔާސީ ޕާޓީ، ”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން(އީސީ)އިން ދީފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީ ހަބީބު މިއަދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ ”ދަ ޑިމޮކްރެޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް ހަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދެއްވައިފައިވާ ކަމަށެވެ.
ހަސަން ލަތީފު ހިމެނޭހެން އެމްޑީޕީގެ 32 މަޖިލިސް މެންބަރަކު އެ ޕާޓީ ދޫކޮށް އަލަށް އުފައްދާ ޕާޓީގެ މަސައްކަތާއި ގުޅުނެވެ.
ޑިމޮކްރެޓްސް އަކީ، އެމްޑީޕީން ވަކިވެވަޑައިގެންނެވި، ރައީީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ޕާޓީއެކެވެ. ރައީސް ނަޝީދު އެމްޑީޕީއާ ފެއަށް ޖެހިވަޑައިގެންނެވީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެންނެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވަނީ، އެ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އެ ޕާޓީން ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު މަސައްކަތް ކުރުމަށް މަޝްވަރާތައް ފަށައިފައެވެ.
