އަޟްހާ އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ނެގުން ފަސްކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އަޟްހާ އީދު ޗުއްޓީގައި މާލެއިން ބޭރުގައި ތިބި ގިނަ ފަރާތްތަކަކުން މި މަންޒަރުތައް ބަލާލުމުގެ ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެންނެވެ.
އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ. ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ ”އީދު މުބާރަކް“ ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި ފަސް އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން މިފަދައިން އެކި މުނާސަބަތުތަކާއި ގުޅުވައިގެން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ ”ޗާލު މާލެސިޓީ“ އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށް ކަމަށެވެ.
