ތިލަމާލެެ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމި، ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން ކަމަށެވެ.

އަދި އެ މަޝްރޫޢު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުންކުރަން ފެށޭނެ. އެއަށްފަހު ދެން ކުރަން އޮތް ކަމަކީ، އެ ބްރިޖް ގޮސް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން،“ ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ.