ގައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސެއް ނޯވެއެވެ.
މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.
އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ގެންދަނީ ކުރަމުންނެވެ.
