ހަތަރު ސިޓީ ހިމެނޭހެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މި މަސްރޭހަކީ އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތަކަށްވާއިރު، މި އަހަރު މި މުބާރާތުގައި ހަތަރު ސިޓީއަކުން ބައިވެރިވެއެވެ. އެއީ މާލެ ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރިކަން ޢިއުލާނުކޮށްފައިވަނީ އުރީދޫއިން ނެރުނު ނޫސްބަޔާނެއްގައެވެ.
އުރީދޫ މަސްރޭސް 2023 ބާއްވަން ހަމަޖެހިފައިވަނީ އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ފެށޭ އޯގަސްޓު މަހުގައިކަމަށާއި، މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މުބާރާތް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ އެ މުބާރާތައް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލް (https://ore.do/masrace) މެދުވެރިކޮށް، މުބާރާތުގައި ރަޖިސްޓްރީކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދީފައިވެއެވެ.
އަދި ޓީމުތަކުން ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާއިރު، ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނަކަމަށާއި އެ ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީއާއި ޓީޝާޓުކަމަށް އުރީދޫ އިން ބުނެފައިވެއެވެ. އަދި ކޮންމެ ޓީމެއްގައި ކެޕްޓަނަކާއި އޮފިޝަލުން ހިމެނޭގޮތަށް 12 މެމްބަރުން ތިބެންވާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވެގެން ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 160،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި އެވަނީ ފައިސާގެ އިނާމުތައް ދެވިގެންދާނެގޮތެވެ.
އެއްވަނަ ޓީމަށް 25،000 ރުފިޔާ
ދެ ވަނަ ޓީމަށް 10،000 ރުފިޔާ
ތިން ވަނަ ޓީމަށް 5،000 ރުފިޔާ
އެންމެ މޮޅު މަސްވެރިޔަކަށް (ފިރިހެން) 1،000 ރުފިޔާ އަދި
އެންމެ މޮޅު މަސްވެރިޔަކަށް (އަންހެން) 1،000 ރުފިޔާ
އުރީދޫ މަސްރޭސް 2023 ފެށުމަށް ހަމަޖެހިފައިވާ ގޮތް:
މާލެ ސިޓީ: 04 އޮގަސްޓު 2023
ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓު 2023
އައްޑޫ ސިޓީ: 18 އޮގަސްޓު 2023
ފުވައްމުލައް ސިޓީ: 25 އޮގަސްޓު 2023
އުރީދޫ އިން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތުގައި ކޮންމެ ސިޓީއަކުންވެސް މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. ނަމަވެސް 30 ޓީމަށްވުރެ އިތުރަށް މުބާރާތުގައި ޓީމުތަކުން ރަޖިސްޓަރވެފައިވާނަމަ، މުބާރާތުގައި ބައިވެރިވެވޭ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ ގުރު ނަގައިގެންނެވެ. މިގޮތަށް ޓީމުތައް ހޮވާއިރު، ނުހުވޭ ޓީމުތަކަށް ރިފަންޑު ދޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޝަންތަކާއި އަދި އާންމުންނަށްވެސް މި މުބާރާތުގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވާފައިވެއެވެ.
