ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ.

“ފަހި ރޯދި” ނަމަކަށް ކިޔާ ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފަށް އެންގީ ރޭ 21:00 ހާއިރެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔައެވެ.

މިގޮތުން ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، ރޭ 10:45 ހާއިރު އެމީހުން ވަނީ ހުޅުމާލެއަށް ގެނެސްދީފައެވެ. ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައެވެ.

މި ދޯނިން ދަތުރުކުރި އެންމެންގެ ޙާލު ވެސް ރަނގަޅެވެ.