މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރަމުން ދަނީ ރަނގަޅު މައުލޫމާތުތަކެއް ނޫންކަމަށް އެ ކޮމިޝަނުން އުޅެނީ ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެންބަރުންގެ އަދަދުން ގިނަ އަދަދެއްގެ މެންބަރުން އުނިކޮށް ދަފްތަރުގައިވާ އަދަދުކަމަށް ބުނެ އީސީން އިއުލާން ކޮށްފައިވަނީ ޕާޓީގެ މެންބަރުންގެ ޖުމްލަ އަދަދު އޮޅުވާލައި، ޕާޓީން މިދިޔަ މެއި މަހުގައި ހުށަހެޅި 140 ފޯމް ޕްރޮސެސް ވެސް ކުރުމަކާ ނުލައި ކަމަށެވެ.
”އިލެކްޝަންސް ކޮމިޝަނުގެ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“ އެމްއާރްއެމުން ބުނެފައިވެއެވެ.
އެމްއާރުއެމްއިން ބުނީ އެ ޕާޓީން ހުށަހަޅާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހައި ދުވަސް ހޭދަކޮށްފައިވާއިރު، އެ މުއްދަތުގައި ޕާޓީން ވަކިވުމަށް އެދޭކަމަށް ބުނާ މެންބަރުން އުނިކޮށް ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އީސީން ގެންދާ ގެންދިޔުމުން ވެސް އެ ކޮމިޝަނުން އަމަލުކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަމަށް ދެކޭ ކަމަށެވެ.
އަދި އެ ޕާޓީން ވަކިވުމަށް އެދިގެން ޕާޓީން ވަކިވެފައިވާކަމަށް ކޮމިޝަނުން ބުނާ މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން އެފަދައިން ޕާޓީން ވަކިވުމަށް ހުށަނާޅާކަމަށް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާއިރު ވެސް، އެ ފަރާތްތައް ދަފްތަރަށް އަލުން ހިމެނުމެއްނެތި އީސީން އަމަލުކުރަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލު ކުރުމަށްކަމަށް ވެސް އެމްއާރްއެމްއިން ތުހުމަތުކޮށްފައިވެއެވެ.
