ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން އެޖެންޑާ ކޮށްފައިވާއިރު، އެޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެޕާޓީން ވަކިވުމާ ގުޅިގެން އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާއިރު، އޭގެފަހުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ގޮތެއް އަދި ނިމިފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައެވެ.