މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވާތީ އެ މަގާމަށް މެމްބަރަކު ހޮވުމަށް ބޭނުންވާ ކަމަށެވެ.
މީޑިއާ ކައުންސިލްގެ ގާނޫނު ބުނާގޮތުން އެ ކައުންސިލުގެ މެންބަރެއްގެ މުއްދަތަކީ ދެ އަހަރެވެ.
އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.
އެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ނުވުން ވެސް ހިމެނެއެވެ.
ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލްގެ މަގާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަން ޖެހޭ ތަކެއްޗާއެކު ހޯމް މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެދިފައެވެ.
