ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ހުރުމަތް ކެނޑޭގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އީސީން މިހެން ބުނީ ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދައިގެ ދަށުން ހުށަހަޅާފައިވާ 3,560 ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ލަސް ކުރިކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން ޖޫން 18 ވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަނުގެ ކުއްލި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ފޯމުތައް 3 މަސް ދުވަހަށް ދަންމައިލަން އެއްވެސް މެންބަރަކު ހުށަހަޅައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެއްނުވާ ކަމަށެވެ.
އަދި އެރޭގެ ޖަލްސާއާ ހަމައަށް ދަ ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ފޯމުތަކުގެ ހެކީންގެ މައުލޫމާތާއި ފޯމުގައިވާ މަންމަގެ މައުލޫމާތާއި ސިޔާސީ ޕާޓީގައި ރަޖިސްޓަރީނުވެވޭ ފަރާތްތަކުގެ ބްލެކް ލިސްޓު، ސިޔާސީ ޕާޓީގެ މެންބަރޝިޕް ފޯމު ޕްރޮސެސްކުރާ ސިސްޓަމް (ސިމެދަ ޕޯޓަލް) އަށް އަޅައިގެން ވެރިފައިކޮށް ނިމިފައެއްނުވާ ކަމަށެވެ.
އެހެންކަމުން އެރެއިން އެރެއަށް ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގެ އަޣުލަބިއްޔަތު ލިބިފައިނުވާ ކަމާއި އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދޫކުރެވުނު ހުއްދައިގެ ދަށުން ކޮމިޝަނަށް ހުށަހެޅުއްވި 3,560 ފޯމުގެ ތެރެއިން ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ 3,000 ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޕާޓީ އުފައްދަން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ޖުލައި 02 ވީ އާދީއްތަ ދުވަހު ހ.ސީވީޑް ޙަސަން ލަޠީފަށް ކޮމިޝަނުން ދީފައިވާ ކަމަށެވެ.
