ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދަން ”ދޮރުންދޮރަށް“ ހިނގަން ފަށައިފިއެވެ.

އެމްޑީޕީން ބުނީ ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން ތާއީދު ހޯދުމަށް މާލެ ސިޓީގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މާލޭ ކެމްޕޭން ޓީމުން މިއަދު ދޮރުން ދޮރަށް ހިނގީ މާފަންނު މެދު ދާއިރާގައެވެ.

އެކަމުގައި އިސްކޮށް އުޅުއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ބޭއްވިއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ވެސް ވަނީ،  ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.