ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އަލުން ރީ-ރަޖިސްޓަރ ކުރަން ނުޖެހޭނެ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ކޮންމެ ރިޔާސީ އިންތިހާބެއްގައި ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ އަލުން ފެށުމަށް މީގެ ކުރީން ކޮމިޝަނުން ނިންމަވާފައިވީނަމަވެސް، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން އީސީއަށް އެކަން ބަދަލު ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.

އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި، ކައުންސިލްތަކުގެ އިންތިހާބުގައި މާލެއަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފިޔަވައި، އެހެން ހުރިހާ ފަރާތްތައް (ޖަލުތަކާއި، ސިނާއި ތަންތަނާއި، ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ހިމެނޭހެން) އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރަން އިންތިހާބާ ގުޅިގެން ބޭއްވި 438 ވަނަ ހާއްސަ ޖަލްސާގައި ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ، ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.