މަނާ ބޭހާއި ބަނގުރާ ގެންގުޅުނު ހަ ބިދޭސީއެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މަސްތުވާތަކެއްޗާއި މަނާ ބޭހާއި ބަނގުރާ ގެންގުޅޭކަމުގެ ތުހުމަތުގައި އެ ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ އިއްޔެއެވެ.

އެގޮތުން މި މައްސަލައިގައި ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެއެވެ.

އަދި އެ މީހުން ބަންދުކުރަން ނިންމީ ކޯޓަށް ހާޒިރުނުވެ ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތުމުން ކަމަށާއި މައްސަލައިގައި ހިމެނޭ ހަ މީހުންގެ ތެރެއިން ފަސް މީހަކު ރާއްޖޭގައި އުޅެނީ އިމިގްރޭޝަން ގާނޫނާއި ހިލާފަށް ކަމަށް ކޯޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ދިރިއުޅޭ ކޮޓަރިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ގިނަ އަދަދެއްގެ ބޭސް ގުޅަތަކެއް ފެނިފައިވާ ކަމަށް ކޯޓުގައި ބުނެފައެވެ.