ރިޔާސީ އިންތިހާބަށް ހަރަދުކުރަން ކޮންމެ ކެންޑިޑޭޓަކު މުޅިން އާ ބޭންކު އެކައުންޓެއް ހުޅުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ އެކައުންޓަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި ބޭނުންކުރާނެ އެކައުންޓު ކަމަށާއި، މި އެކައުންޓް ވާންޖެހޭނީ ރާއްޖޭގައި ހިންގާ ކޮންމެވެސް އެއް ބޭންކެއްގައި އެކަމަށް ހާއްސަކޮށް މުޅިން އަލަށް ހުޅުވާ އެކައުންޓަކަށް ކަމަށެވެ.
ހަބީބު ވިދާޅުވީ، އެ އެކައުންޓް ހުޅުވަން ޖެހޭނީ ކެންޑިޑޭޓުގެ ނަމުގައި ކަމަށެވެ.
އަދި އިންތިހާބާ ގުޅިގެން، ކެންޑިޑޭޓަށް ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ.
ރިޔާސީ އިންތިޚާބުގެ ކޮންމެ…— Ismail Habeeb (@IsmailHabeeb) July 8, 2023
ހަބީބު ވިދާޅުވީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން، އެފަދަ އެކައުންޓެއް ފަސޭހައިން ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިލެކްޝަންސް ކޮމިށަނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބޭންކުތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
