ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން، މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ށ. ކޮމަންޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ސަރުކާރެއް ބަދަލުވާއިރު، މަޝްރޫއުތަކަށް ހުއްޓުން އަންނަ ކަމަށާއި، އޭގެ މިސާލުތައް މިހާރު ވެސް ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތައް ބަދަލު ވުމުންވެސް، އެ އިރެއްގައި ހިނގަމުން ދިޔަ މަޝްރޫއުތައް ހުއްޓުނު ކަމަށް ވިދާޅުވިއެވެ.

”އެހެންވީމަ، ކޮމަންޑޫގެ ރައްޔިތުންގެ ނިންމުމަކީ، ވަރަށް މުހިންމު ނިންމުމެއް.“

ނަމަވެސް، ކޮމަންޑޫގެ ރައްޔިތުން ނިންމާ ނިންމުމަކީ މުޅި ރާއްޖެއާ ވެސް ގުޅިފައިވާ، މުހިންމު ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ކޮމަންޑޫގައި ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އޮގަސްޓަ މަހު ނިމިގެންދާނެ ކަމަށެވެ.

ކެމްޕޭން ފެށުމަށް ކޮމަންޑޫ ފުރަތަމަ ރަށެއްގެ ގޮތުގައި ހިޔާރު ކުރެއްވީ ސަބަބެއް ނެތިނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކޮމަންޑޫއަކީ ކެމްޕޭން ކުރަން ދަންނަ ރަށެއް ކަމަށެވެ.