ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިން ބާރު މިނުގައި ކުރިއަށްދާކަމަށާއި، ދެ ދުވަސް ތެރޭގައި މުޅި ރާއްޖެ ކަވަރު ކުރެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގުމަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް ބޭއްވި ބައްދަލުވުމެއްގެ ފޮޓޯތައް ހިއްސާކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ދޮރުން ދޮރަށް ހިނގޭނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ކެމްޕެއިން ޓީމުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނަށް އިއްވައިފައިވާ ޖަލު ޙުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ފަށައިފައެވެ.

އެ ހުކުމް ބާތިލު ކޮށްފިނަމަ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވޭނެއެވެ.