ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިން ކުރައްވަމުންދާ ކަމަށް ބަޔަކު އަޑު ފަތުރަނީ އިދިކޮޅު ކޯލިޝަނުގެ ސަފުތައް ބައިބައި ކުރުމަށް ކަމަށް މޭޔަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ދެ މަސް ދުވަހަށް ވެފައިވާއިރު، އިދިކޮޅު ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އިއްޔެ ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއިއެކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވައިފައެވެ.

އެތަނުގައި ހުންނަވާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ވިދާޅުވީ އެއީ އިދިކޮޅު ބައިބައި ކުރަން ދައްކާ ވާހަކަ ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

”އަޅުގަނޑުމެން ހަމަ އެންމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީންގެ ފަހަތުގައި.“

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ބައިބައި ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

އެގޮތުން އިދިކޮޅު ލީޑަރޝިޕްގެ އެކި ބޭފުޅުންނާއި ގުޅޭ ޕޯޯސްޓުތައް މީސްމީޑިއާއިން ފެންނާނެ ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން އަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީއަކުން އެންމެ ފުރަތަމަ ރިޔާސީ ޓިކެޓު އެރުވި ފަރާތެވެ. އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށާފައެވެ.