ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ”ވަންގަވް“ މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ”ވަންގަވް“ އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ނައިބު ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ހިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ގައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަންގަވްގެ ހިދުމަތާއެކު ޒަމާނުއްސުރެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެއެވެ.
