ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އަށް ކަށިކެޔޮ ގަނޑެއްގެ މިސާލު ޖައްސަވައި، އެ ޕާޓީގެ މިސްރާބު ހުރީ ”ރޫޅުމަށް“ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްއަށް މިރޭ ސޮއި ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، ކަށިކެޔޮގަނޑެއްގެ ފޫވައް ވެއްޓިއްޖެނަމަ، އެ ކެޔޮ ގަނޑެއް ރޫޅިގެންދާނެ ކަމަށެވެ. އެމަނިކުފާނު ކުރިން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ވެސް ވަނީ އެފަދަ ގޮތެއް ކަމަށް ވެސް ވިދާޅުވިއެވެ.

”ފޫވައް ވެއްޓިއްޖެ، ފޫވައް ގެއްލިއްޖެ. އަޅުގަނޑުމެން ޕާޓީއެއް އުފެއްދީ ފިކުރެއް ދިރުވަން. އުސޫލުތަކެއް ގަބޫލު ކުރެވޭތީ.“

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް އަލިއަޅުވައިލައްވައި، ބޮޑު ބައި ހޭދަ ކުރައްވަން ޖެހިވަޑައިގަތީ އަނިޔާގައި ކަމަށް ވިދާޅުވެފައެވެ. އެކަނިވެރިކަމުގައި ހަޔާތުގައި ބޮޑު ބައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށާއި، އޭރު ވެސް އަމާޒަކަށްވީ އުސޫލެއް ހޯދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުގެ މަގާމު ދޫކުރައްވައި، ޑިމޮކްރެޓްސް އާއި ގުޅުނު ފަރާތްތަކަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވައި، ހިތްވަރު ދެއްވިއެވެ. އަދި އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް މިރޭ ވިދާޅުވިއެވެ.