ރިޔާސީ އިންތިހާބު އޮންނަ ދުވަހު ”ދަ ޑިމޮކްރެޓްސް“ގެ އަސްލު ސައިޒު ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެެމްބަރު މުހައްމަދު ވަހީދު(ވައްޑޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޑިމޮކްރެޓްސްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވައްޑޭ ވިދާޅުވީ، އެމްޑީޕީގައި އޮތް ”ޑިމޮކްރަސީ“ މިއަދު އެ ޕާޓީއާއި ވަކިވެ، ޑިމޮކްރެޓްސް އާއި ގުޅިފައިވާ ކަމަށާއި، އެމްޑީޕީގެ ނަމުން އެ ބަސް ވެސް އުނިވެ، މިހާރު އެއީ ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގައި މިހާރު ތިބީ ކުރިން ޑީއާރްޕީގައި ތިބި މެމްބަރުން ކަމަށެވެ.

ވައްޑޭ ވަނީ، އެމްޑީޕީއަކީ މިހާރު ބާތިލުވަމުން އަންނަ ފިކުރެއް ކަމަށް ވިދާޅުވެ، އެ ފިކުރަށް ރައްޔިތުން ކުރާ ނަފްރަތު، ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމުގައިވާ، 9 ސެޕްޓެމްބަރުގައި ހާމަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީން މަރުތަކަށް އިންސާފު ހޯދުމަށާއި، ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ވައުދުވި ކަމަށާއި، ވެރިކަމުގެ ދައުރު ނިމެން ”ފަންސާހަކަށް ދުވަހަށް ވީއިރު“ އެންމެ މަރަކަށް ވެސް ހޯދުނު އިންސާފެއް ނެތް ކަމަށާއި، އެންމެ ފައިސާ ފޮއްޗެއް ވެސް ނުހޯދޭ ކަމަށެވެ.