ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފު ފާޑުވިދާޅުވެއްޖެއެވެ.

ކ.މާފުށީގައި ރޭ އެމްޑީޕީން ވަނީ ރިޔާސީ ކެމްޕެއިންގެ ޖަލްސާއެއް ބާއްވައިފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ޝަރީފު ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީން އެކަނި ކަމަށެވެ.

އަދި ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަމުންދަނީ ”ހިޔަންޏަށް މުޑި ނަގާހެން“ ކަމަށް ވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި ދަންނަވަނީ ކެންޑިޑޭޓަކު ދައްކާށޭ. ޔަގީނޭ ބަލި ކުރާނަމޭ.“ އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު ރައީީސް ޔާމީނެވެ. އެމަނިކުފާނަށް  11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ފަށާފައެވެ.

ނަމަވެސް ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން، އަޑުއެހުންތައް ވަނީ މަޑު ޖެހިފައެވެ. މިއީ ރައީސް ޔާމީންގެ އިންތިހާބީ ހައްގަށް އަރައިގަތުމަށް ސަރުކާރުން ކުރުވާ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.