ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއެއް ބާއްވަން އެ ޕާޓީން ރޭ ނިންމައިފިއެވެ.

މިގޮތަށް ނިންމީ ދަ ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް މެންބަރުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.

ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށްޓަކައި ކުރިއަށް އޮތް ހޯމަ ދުވަހު ހިސާބުގައި ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕްރައިމަރީ ބާއްވަން ހާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ އިތުރަށް އެހެން ބައެއް ކޮމިޓީތައް ވެސް އެކުލަވާލާފައެވެ.

ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުންދާއިރު އެ ޕާޓީގެ ޓިކެޓަށް އަދި އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ނަޝީދުއެވެ.