މަންމަ ”ކަތިލާނެ“ ކަމަށް ބުނެ އިންޒާރު ދިން މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.
މި މައްސަލަ އާއި ގުޅިގެން މާލެއަށް ނިސްބަތްވާ މީހެއްގެ މައްޗަށް ކޮށްފައި ވަނީ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހ މެންދުރު އޭނާ ދިރިއުޅެމުންދާ ގޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންދޭތީ، އެކަން ނުކުރުމަށް އެންގުމުން މަންމަ މަރައިލާނެ ކަމަށް އިންޒާރު ދިން މައްސަލައަކާއި ގުޅިގެންނެވެ.
އެ މީހާ ވަނީ މަންމަ ކަތިލާނެ ކަމަށް ބުނެ ބިރު ދައްކައިފައި ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެފައިވެއެވެ.
އެ ކޯޓުން ވިދާޅުވީ، މި މައްސަލައިގެ ޝަރީޢަތުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރު ކޮށްފައިވާކަމަށެވެ.
ނަމަވެސް އޭނާއާ ދެކޮޅަށް 08 ހެއްކެއް ހުށަހަޅާފައިވާކަމަށެވެ.
